Monday, September 2, 2024

ފުރަތަމަ ވޮލިއުމްގެ ދެވަނަ އިޞްދާރު

އައުދާނަވަންތަ ﷲ އަށް ޙަމްދުކޮށް ޝުކުރުކުރަމެވެ. އަދި އެކަލާނގެ ނަބިއްޔާ، މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ހިމަނަމެވެ.

ކީރިތި ޤުރްއާނުގެ ޚުލާޞާ ތަފްސީރަށް ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުޙީބަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. ޚުލާޞާ ތަފްސީރުގެ ފުރަތަމަ ވޮލިއުމްގެ ދެވަނަ އިޞްދާރު ކިޔުންތެރިންނާ ހަމައަށް އަންނައިރު، މި އިޞްދާރުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލުތަކަށް ކުރުގޮތަކަށް އިޝާރާތްކޮށްލުން މުހިންމު ކަމުގައި ދެކެމެވެ.

ޢާންމު ގޮތެއްގައި މި އިޞްދާރުގައިވާނީ ކުދިކުދި އިމްލާ ކުށްތައް ރަނގަޅު ކޮށްފައެވެ. ފިއްޔެއް ނުވަތަ އަކުރެއް ވެއްޓިފައި ހުރި ތަންތަނާއި، ލަފުޒު އިސްފަސްވެފައި ހުރި ބައެއް ތަންތަން ރަނގަޅު ކޮށްފައި ވާނެއެވެ.

ފަންނީ ގޮތެއްގައި އަލުން ބަލައި ތަފްސީރު ފުރިހަމަކޮށްފައިވާ އެއް އާޔަތަކީ ބަޤަރާ ސޫރަތުގެ 189 ވަނަ އާޔަތެވެ. މި އާޔަތުގެ ތަފްސީރަށް ގެނެފައިވާ ބަދަލަށް ބަލާއިރު، އާޔަތުގެ ތަފްސީރުގައި ކުރިން ހިމެނިފައިވާ "ހުޅެވިހަނދު" މިހާރުވާނީ "ހަނދުމަހުގެ ފުރަތަމަ ހަތްރޭގެ" ހަނދަށް ބަދަލު ކޮށްފައެވެ. މި ބަދަލު ގެނައުމުގައި ތަފްސީރު ފޮތްތަކުގެ ތެރެއިން މައި އެއް ތަފްސީރުކަމުގައިވާ "ތަފްސީރުއްޠަބަރީ" އާއި، އިބްނު ޢާޝޫރުގެ ތަފްސީރު، "ތަފްސީރުއްތަޙްރީރި ވައްތަންވީރި" އާއި، ޠަންޠާވީގެ "ތަފްސީރުލް ވަސީޠި ފިލްޤުރްއާން" ފަދަ ގިނަ ތަފްސީރުތައް ބަލާފައިވާނެއެވެ. މީގެ އިތުރުން ހަނދުގެ މަރުޙަލާތަކަށް ޢަރަބި ބަހުން ކިޔާ ނަންތަކަށާއި، އެކި ބަސްބަހުން ލިޔެފައިވާ މި އާޔަތުގެ ތަރުޖަމާ ވެސް މި ބަދަލު ގެނައުމުގައި ދިރާސާ ކޮށްފައިވާނެއެވެ. މީގެ އިތުރަށް ދިވެހި ބަހުގެ ރަދީފުގައި ހުޅެވިހަނދު ބުނެދީފައިވާ ގޮތަށާއި، ޢަރަބި ބަހުން ހުރި ކީރިތި ޤުރްއާނުގެ މޫރިތި ލަފުޒުތަކުގެ ބައެއް ރަދީފުތަކަށް ވެސް ރުޖޫޢަވެފައި ވާނެއެވެ. އަދި މި ބަދަލާއި ފަލަކީ ޢިލްމާ ފުށުއަރާތޯ ވެސް ވިސްނީމެވެ.

ބަޤަރާ ސޫރަތުގެ 189 ވަނަ އާޔަތަށް ފަހު، ދެން އިތުރަށް ފުރިހަމަކޮށްފައިވާނީ ކަދުރު އޮށާއި ގުޅުންހުރި ބައެއް އާޔަތްތަކެވެ. މި ގޮތުން ކަދުރު އޮށުގެ ދުލިފަށާއި، ކަދުރު އޮށުގައި ޖަހާފައި ހުންނަ ކުދި ގޮށްގޮށާއި، ކަދުރު އޮށުގެ މައިނަރު ފަދަ ބައެއް ކަވި ތަފުސީލުތައް ނިސާ ސޫރަތުގެ ބައެއް އާޔަތްތަކުގެ ތަފްސީރުގައި އިތުރަށް ފުރިހަަމަ ކޮށްފައިވާނެއެވެ.

ކީރިތި ޤުރްއާނުގެ ލަފުޒުތަކުގެ ޚާއްޞަ އެއްކަމަކީ، އެ ލަފުޒުތަކުން ދޭހަ ކޮށްދޭ ޚާލިޞް މާނައެވެ. އެ ލަފުޒުތަކުގެ ތަޢުރީފުތަކުގެ ފުރިހަމަކަމެވެ. އެ ތަޢުރީފުތަކުގެ "ޖާމިޢު" ކަމާއި "މާނިޢު" ކަމެވެ. ދެވަނަ އިޞްދާރު ޚާއްޞަވެފައިވަނީ މިފަދަ ބައެއް ކުދިކުދި، އެހެން ނަމަވެސް މުހިންމު ބައެއް ލަފުޒުތަކަށެވެ. ދުޢާއަކީ މި މަސައްކަތުގައި ކީރިތި ﷲ ބަރަކާތް ލެއްވުމެވެ. އަޅަމެން އަބަދުމެ ކީރިތި ޤުރްއާނާއެކު ލެހެއްޓެވުމެވެ. އެ ޤުރްއާނަށް ހިތުގައި އޮންނަ ލޯބި ފަނޑު ނުކުރެއްވުމެވެ.

މި އިޞްދާރު ނުކުތުމުން ފުރަތަމަ ވޮލިއުމްގެ އަގަށް ބަދަލެއް ނާންނާނެއެވެ. ފުރަތަމަ ވޮލިއުމާއި ދެވަނަ ވޮލިއުމް ކުރިއެކޭ އެއްގޮތަށް ނޮވެލްޓީ ބުކްޝޮޕުންނާއި އެ ތަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

No comments: