Saturday, March 31, 2018

ހެކިންގެ ހެކިބަސް

"ހެކިންގެ ހެކިބަސް" މި ފޮތަކީ އެންމެ ފަހުން ލިޔެ ނިންމާލެވުނު ފޮތެވެ. މި ފޮތް ލިޔުމުގެ ޚިޔާލު އައީ މިހެންނެވެ. ރައްޓެއްސަކު، އަޅުގަނޑަށް ކުވައިތުގެ ވުޒާރަތުލް އަވްޤާފުން ޝާއިޢުކޮށްފައިވާ ފިޤުހު އެންސައިކްލޮޕީޑިއާ، (މައުސޫޢާ ކުވައިތިއްޔާ) ތަޢާރަފުކޮށްދިނެވެ. މި އެންސައިކްލޮޕީޑިއާއަކީ 44 ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ބޮޑު ފޮތެކެވެ. މިއީ ޢަރަބި ފޮތެކެވެ. މި ފޮތް ތަރުތީބުކުރެވިފައިވަނީ މައިގަނޑު ލަފުޒުތަކެއްގެ މައްޗަށެވެ. މި ލަފުޒުތައް ހިމަނާފައިވަނީ ބަސްފޮތްތަކުގައި ހުންނަ ފަދައިން އަލިފުބާގެ ތަރުތީބުންނެވެ. 

މި އެންސައިކްލޮޕީޑިއާގެ އެކި ބައިތައް ކިޔާލުމުން ކުރެވުނު ޚިޔާލަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ބައިތައް ވަކިވަކިން ތަރުޖަމާ ކުރުމުގެ ޚިޔާލެވެ. މި ޚިޔާލު އައުމުން، ޝަހާދާ ނުވަތަ ހެކިންގެ ހެކިބަހާ ބެހޭ ގޮތުން އޮތްބައި ތަރުޖަމާކުރަން ފެށީމެވެ. ދުވަސްކޮޅަކުން ޝަހާދާއާ ގުޅޭ ބައިތައް ފަސޭހަކަމާއެކު ތަރުޖަމާކޮށް ނިމިއްޖެއެވެ. މި ތަރުޖަމާ އެއްކޮށް ކިޔައިލުމުން، ދެން ހިތަށްއައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓުން ނިންމާފައިހުރި މައްސަލަތަކުގެ ތެރޭގައި ހުރި މައުޟޫޢާ ގުޅޭ މައްސަލަތައް ހިމެނުމުގެ ޚިޔާލެވެ. މި ޚިޔާލު އިތުރަށް ތަރައްގީކޮށް، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިހުރި ޤާނޫނުތަކާއި، ޤަވާއިދުތައް އެއްތަންކޮށް، މައުޟޫޢާ ގުޅުންހުރި ބައިތައް ހިމަނާނެތަން ފާހަގަކުރުމަށްފަހު ލިޔަން ފެށީމެވެ. މި ހިސާބަށް ލިޔެ ނިމުމުން ހަމައެކަނި ކުވައިތުގެ އެންސައިކްލޮޕީޑިއާގެ ބަދަލުގައި، މައުޟޫޢާ ގުޅުންހުރި ފިޤުހު ފޮތްތައް ހޯދައި، އެ ފޮތްފޮތަށް ޙަވާލާ ދީގެން ފޮތުގައި އެހައިތަނަށް ލިޔެވިފައިވާ ޝަރުޢީ ބައިތައް އިތުރަށް ތަރައްޤީކުރުމުގެ ޚިޔާލުއައެވެ. އަދި މި ޚިޔާލާ އެއްގޮތަށް ޝަރުޢީ ބައިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރީމެވެ. މި ހިސާބުން ފޮތުގައި ދިވެހި ޤާނޫނުތަކާއި، ޝަރުޢީ ބައިތައް ހިމެނިގެންދިޔައެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި، މަސައްކަތްކުރާ ބައެއް މީހުންނަކީ ޢަރަބި ބަހަށާއި، ޝަރުޢީ ޢިލްމަށް ބޮޑަށް އަހުލުވެރި މީހުންނެވެ. އަނެއްބައި މީހުންނަކީ ޝަރުޢީ ޢިލްމަށްވުރެ ބޮޑަށް އިނގިރޭސި ބަހަށާއި، އިނގިރޭސީންގެ ޤާނޫނުތަކަށް ފަރިތަ މީހުންނެވެ. އަދި މި ދެބަޔަށްވެސް މޮޅު މީހުން އުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ތަރައްގީވެ ކުރިއަރައިގެން ދިއުމުގައި، ކުރިއަރާފައިވާ ޤައުމުތަކުގެ ޤާނޫނީ ނިޒާމުގައި ކަންކަން ކުރަމުން އަންނަ ގޮތް ބަލައި ދިރާސާކުރެވެއެވެ. އެއް މޭރުމަކުން މިއީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ބައެއް ހާލަތްތަކުގައި ލާޒިމްކުރާ ކަމެއްވެސްމެއެވެ. މި ވިސްނުމުގެ އަލީގައި، މި ފޮތަށް އެންމެ ފަހުން އިތުރުކުރެވިފައިވަނީ ކޮމަންލޯގައި ހެކިންގެ ހެކިބަހާ ގުޅުންހުރި ބައިތަކެވެ. މި ބައިތައް ލިޔެ ނިމުމުން މުޅި ފޮތް އެކީ ތަރުތީބުކޮށް، "ހެކިންގެ ހެކިބަސް؛ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޤަޟިއްޔާތައް" މިނަން ކިޔުމަށް ގަސްދުކުރީމެވެ.

ތިރީގައި މިވަނީ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި، ކޮމަންލޯގެ ނިޒާމަށް ޙަވާލާދީގެން ލިޔުނު މި ފޮތުގެ ބައެއް އުސްއަލިތަކެވެ. 

•  ފޮތް ލިޔުމުގެ ތެރޭގައި 2008 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުންތަކަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ހުރިހާ ޖިނާއީ މައްސަލަތަކާއި، ބަންދުގެ މުއްދަތާ ގުޅޭ މައްސަލަތައް ދިރާސާކުރީމެވެ. މި ދިރާސާގެ އަލީގައި މި ފޮތުގައި މައުޟޫޢާ ގުޅުންހުރި 80 އަށްވުރެ ގިނަ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް ހިމަނާފައިވާނެއެވެ.

• ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންވެފައިވާ މައުޟޫޢާ ގުޅޭ އެންމެހައި ބައިތައް މި ފޮތުގައި ހިމަނާފައިވާނެއެވެ.

• ސާބިތުކުރުމުގެ ޒިންމާއާއި، ހެކިން ހުށަހެޅުމާއި، މައްސަލައިގެ ދެފަރާތުން ހުށަހަޅާ ހެކިން ޝަރީޢަތަށް ބަލައިގަތުމުގައި ފަނޑިޔާރުން ޢަމަލުކުރަންވީ ގޮތް މަތީ މަރުޙަލާގެ ނިންމުންތަކުގެ އަލީގައި ލިޔެފައިވާނެއެވެ.

•  ހެކިންގެ ހެކިބަސް ނެގުމުގެ އިޖުރާއީ ތަރުތީބާއި، ހެކިބަހުގައި ހުންނަ ޙުކުމަށް އަސަރުކުރާ ތަފާތުތަކާއި، އެނޫން ތަފާތުތައް ދެނެގަންނާނެ ގޮތް ބަޔާންވެފައިވާނެއެވެ.

• ސިއްރު ހެކިން ބަލައިގަތުމުގައި ފަނޑިޔާރުން ސަމާލުވާންވީ ކަންކަމާއި، ދުނިޔޭގެ އެހެނިހެން ޤާނޫނީ ނިޒާމުތަކުގައި ސިއްރުހެކިން ޝަރީޢަތަށް ޤަބޫލުކުރުމުގައި ބަލާ ކަންކަން ހިމަނާފައިވާނެއެވެ.

•  ދޮގު ހެކިދިނުމަކީ ކޮބައިކަމާއި، އެކަމުގެ ޢުޤޫބާތާއި، ޤާނޫނީ ނިޒާމުގައި ދޮގުހެދިނުން ތަޖުރީމު ކުރެވިފައިވާ ގޮތް ހިމަނާފައިވާނެއެވެ.

• ކިޔާ މީހުންނަށް ފަސޭހަވަނޭހެން، މި ފޮތުގައި މައުޟޫޢުތަކުގެ ފިހުރިސްތާއި، ޤަޟިއްޔާތަކުގެ ފިހުރިސްތުގެ އިތުރުން، ޙަވާލާދީފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކަށް ވަކިވަކިން ފިހުރިސްތުތައް ހެދިފައިވާނެއެވެ.

މި ފޮތް ލިޔުމުގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ ޤާނޫނީ ދާއިރާ ކުރިއެރުވުމުގައި އަޅުގަނޑަށް ވެވުނު މިންވަރަކުން ބައިވެރިވުމެވެ. މިއީ ޤާނޫނު ކިޔަވާ ކުދިންނާއި، ވަކީލުންނާއި، ފަނޑިޔާރުން ކިޔާލުން މުހިންމު ފޮތެއްކަމުގައި ދެކެމެވެ. މި ފޮތް ޝާއިޢު ކޮށްދެއްވި މޯލްޑިވްސް ލޯ އިނިސްޓިޓިއުޓަށާއި، މި ފޮތް ލިޔުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ. މި ފޮތް މޯލްޑިވްސް ލޯ އިނިސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އެ ތަނަށް 3013200 މި ނަންބަރުން ގުޅޭނެއެވެ. ފޮތުގެ އަގަކީ 650 ރުފިޔާއެވެ.