Pages

Saturday, March 16, 2013

މަސްތުވާތަކެއްޗާބެހޭ ޤާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރުތަކާއި ބާރުތައް

މަސްތުވާތަކެއްޗާބެހޭ ޤާނޫނަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް އެންމެފަހުން ތަޢާރަފުވި އެއް ޤާނޫނެވެ. މި ޤާނޫނު ޤާނޫނަކަށްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި ގެނެވުނު ބޮޑެތި ބަދަލުތައް ގެނެވުނުއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ބަދަލުތައް ގެނެވުނު މަޖިލިސްތަކުގައި އަޅުގަނޑަށް ބައިވެރިވެވުނެވެ. އަދި މި ޤާނޫނުގެ ދަށުން އުފެދުނު ޑްރަގް ކޯޓުގައި މަސައްކަތްކުރަން ޖެހިފައިވުމާއެކު، މިޤާނޫނަކީ އެންމެ ގިނައިން ބަލައި ދިރާސާކޮށް ހަދަންޖެހޭ ޤާނޫނަށްވެފައިވެއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުން ފާހަގަކުރެވޭ އެކި މައުޟޫޢުތަކަށް ލިޔެވޭ މިފަދަ ލިޔުންތަކަކީ، ކުރިން ދެންނެވުނު ބައްދަލުވުންތަކުގައި ފާހަގަކުރެވިފައިވާ ކަންކަމާއި، ޤާނޫނުގެ މާއްދާތައް ކިޔައިލުމުން ދޭވަހާކަންކަން ކިޔުންތެރިންނާ ހިއްސާކުރުމުގެ ގޮތުން ލިޔާ ލިޔުންތަކެކެވެ. ތިރީގައިމިވަނީ މިހައިތަނަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ އެކި މައުޟޫޢުތަކަށް ލިޔެފައިވާ ލިޔުންތަކުގެ ލިންކުތަކެވެ. މިހާރު މި ލިޔުންތައް issuu.com ވަކިވަކިން ޑައުންލޯޑްކުރެވޭނެއެވެ. 

Tuesday, January 8, 2013

.މަސްތުވާތަކެތި އަތުން ނުފެނުނަސް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެއެވެ

މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭއިރު ގިނައިން އަޑުއިވޭ ޝަކުވާއެއް އޮވެއެވެ. ބައެއް ފަހަރު މި ޝަކުވާއިވެނީ މާޔޫސްވެފައިވާ މައިންބަފައިންގެ ފަރާތުންނެވެ. ފުލުހުންގެ ފަރާތުންވެސް މި ޝަކުވާއަށް ބާރުލިބެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ކާލިއަޅައަޅާ ހުންނަ މީހެއް ފެނުނަސް އެމީހެއްގެ އަތުން އެތިކޮޅެއް ނުފެންނަނަމަ ފުލުހުން އެމީހަކު ހައްޔަރުކޮށްގެން ކުރާނެ ކަމެއް ނޯންނާނެއެވެ. މި ޝަކުވާގެ އަސްލަކީ ކުރީގެ މަސްތުވާތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 77/17) ގެ ދަށުން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުކުރުމުގައި ހުރި އެކި ބާވަތުގެ ގޮންޖެހުންތައްކަމަށްވުންވެސް އެކަށީގެންވެއެވެ. ނުވަތަ އެތިކޮޅެއް ނެތް މީހެއްގެ ފަހަތުން ދިއުމުގެ ބަދަލުގައި އެތިކޮޅަކާއެކު ފެންނަ މީހުން ހައްޔަރުކުރުމަށް އިސްކަންދެވެނީކަމަށްވެސް ވެދާނެއެވެ. ކަންމިހެން ހުރިކަމުގައި ބެލެވުނަސް މިހާރުގެ ޤާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާމީހެއްގެ އަތުން އެތިކޮޅެއް ނުފެނުނުކަމުގައިވިޔަސް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެއެވެ.
 
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަން ސާބިތުކުރުމަށްޓަކައި ބޭނުންވަނީ ތުހުމަތުކުރެވޭ މީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމެވެ. މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާއެއްޗަކަށް ޕޮޒިޓިވްވެފައިވަނީ މަސްތުވާތަކެތި ފިޔަވައި އެހެން އެއްޗެއް ބޭނުންކުރުމުގެ ސަބަބުންކަމަށްވާނަމަ، އެކަމެއް ސާބިތުކުރުމަކީ އެމީހެއްގެ ކަމެކެވެ. މިކަން އެނގިގެންދަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 146 ވަނަ މާއްދާއިންނެވެ. އެ މާއްދާ ތިރީގައިމިވަނީއެވެ.
 
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރެވޭ ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުގެ ނަތީޖާއިން، އެ މީހެއްގެ ކުޑަކަމުދާ އެއްޗެހީގައި މަސްތުވާއެއްޗެއްގެ އަސަރު ހުރިކަމަށް ދައްކައިފިނަމަ، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެމީހަކީ، މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.
 
މަސްތުވާތަކެތީގެ ޤާނޫގެ ދަށުން ކުޑަކަމުދާތަކެއްޗާބެހޭ ޤަވާއިދު "ކުޑަކަމުދާތަކެތީގެމަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އަށް ޢަމަލުކުރަން ފެށުމުން އިޖުރާއީ ގޮތުން ކުޑަކަމުދާތަކެތީގެ ނަތީޖާތަކުގެ މައްޗަށް ބުރަވެ ކުށް ސާބިތުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިފައިވާކަމަށް ޤަބޫލުކުރަންޖެހެއެވެ.
 
ވާހަކަ ދެކެވޭ މައުޟޫއުގައި ފާހަގަކުރުން މުހިއްމު ނުކުތާއަކީ މަގުމަތީގައްޔާއި އެހެނިހެން ތަންތަނުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭކަމަށް ބެލެވޭ މީހުން ނުވަތަ ކާލި އަޅައަޅާ ތިބޭ މީހުންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިތިބި ބަޔަކުކަމުގައިވާނަމަ އެފަދަ މީހުން އެކަމުން ސަލާމަތްކުރުމަށް އިހުނަށްވުރެ ސަމާލުކަން މިހާރު ދޭންޖެހިފައިވާކަމެވެ. ޤާއިމުކުރެވިފައިވާ އިދާރާތަކުގެ ބޭނުން ހިފަންޖެހެއެވެ. އެއީ އެފަދަ މީހުންގެ އަތުން އެތިކޮޅެއް ނުފެނުނުކަމުގައިވިޔަސް މެއެވެ. މިކަމަކީ ބޮޑެތި ޢަދަދުތަކުގެ މަސްތުވާތަކެތި އަތުލައިގަތުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރާފަދައިން މަސައްކަތްކުރަންޖެހޭކަމެކެވެ. އެހެނީ މިފަދަ މީހުންނަށް ފަރުވާދެވިއްޖެނަމަ، މަސްތުވާތަކެއްޗަށް ބޭނުންޖެހޭ ނިސްބަތްމަދުވާނެއެވެ.