އެންމެ ރިވެތި ޘަނާ އާއި ތަޢުރީފު ލިބިވޮޑިގެންވާ ކީރިތި ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަމެވެ. އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލު ކުރަމެވެ.
ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ ޚުލާޞާ ތަފްސީރު ލިޔުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނިމިދިޔަ އަހަރު، އޮކްޓޯބަރ 17 ވަނަ ދުވަހު ޚުލާޞާ ތަފްސީރުގެ ފުރަތަމަ ވޮލިއުމް ޝާއިޢު ކުރެވުނެވެ. އެ ވޮލިއުމް ޝާއިޢުވުމާ ގުޅިގެން ކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާއި، މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ލިބުނު އެންމެހައި ޚިޔާލުތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ.
ކީރިތި ﷲ ގެ ވާގިފުޅާއެކު މިއަދު މި ޝާއިޢު ކުރެވުނީ ޚުލާޞާ ތަފްސީރުގެ ދެވަނަ ވޮލިއުމެވެ. މި ވޮލިއުމަކީ ކީރިތި ޤުރުއާނުގެ 06 ވަނަ ފޮތުން ފެށިގެން 10 ވަނަ ފޮތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ ޚުލާޞާ ތަފްސީރެވެ. މި ވޮލިއުމް ޝާއިޢު ކުރެވުމުން، ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައިގެ ޚުލާޞާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ގެނެސްދެވުނީއެވެ.
ދެން އޮތީ ތިންވަނަ ވޮލިއުމްގެ ވާހަކައެވެ. އެ ވޮލިއުމް އޮތީ ލިޔެ، މުރާޖަޢާކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެ ބައި ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ ކުރިން އެންމެ ފަހުން ކިޔަންޖެހޭ ކިޔުންތަކުގެ މަރުޙަލާއެވެ. ކީރިތި ﷲ އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، އެ ބައި ފާސްވެ ކިޔުންތެރިންނާ ހަމައަށް ފޯރާނެއެވެ.
ފުރަތަމަ ވޮލިއުމެކޭ އެއްފަދައިން މި ވޮލިއުމް ވެސް ކިޔުންތެރިންނާ ހަމައަށް މި އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. މި ވޮލިއުމް ފާސްކޮށްދެއްވި ކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުންނަށް ޝުކުރު އަދާކުރަމެވެ. އަދި ފޮތް ގިންތިކޮށް ދެއްވިކަމަށްޓަކައި، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ވެސް ޝުކުރު އަދާކުރަމެވެ. ޝުކުރުގެ ލިސްޓުން އަގުހުރި ވަގުތު ހޭދަކޮށް ކިޔައި، ކުށް ފިލުވައި މުރާޖަޢާކުރި ދެ އެކުވެރިންކަމުގައިވާ ނިޢުމަތުﷲ އިދުރީސް އާއި އައްޝައިޚް އަޙްމަދު މުޢާޛު މަންޞޫރުގެ ނަން އުނިނުވާނެއެވެ. އަދި ކުދިކުދި ތަފްސީލުތަކަށް ދާންދެން ފަރުވާތެރިކަމާއެކު ލޭއައުޓާއި ޑިޒައިންގެ މަސައްކަތް ކޮށްދިން ޢަބްދުﷲ ޝަފީޢު (އަބޯ) ގެ ނަން ވެސް މި ލިސްޓުން އުންޏެއް ނުވާނެއެވެ. މި ހުރިހާ އެކުވެރިންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.
ކީރިތި ﷲ މި މަސައްކަތަކީ މި އަޅާގެ ކިބައިން ޤަބޫލު ކުރައްވާ މަސައްކަތެއް ކަމުގައި ލައްވާށި! އާމީން
No comments:
Post a Comment