Tuesday, October 17, 2023

ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު

 ކީރިތި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ހިމަނަމެވެ.


މިއަދަކީ ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރޭ ދުވަހެވެ. ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ. މި އުފާވެރި ދުވަހުގެ އުފާވެރިކަން އިތުރުވަނީ، މިއަދު އަޅުގަނޑު ލިޔަމުން އަންނަ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރުގެ ފުރަތަމަ ވޮލިއުމް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭތީއެވެ. ހަމައެއާއެކު މި ދުވަސްވަރަކީ އިސްލާމީ އުންމަތަށް ހިތްދަތި ދުވަސްވަރެކެވެ. ދުޢާއަކީ މި ހިތްދަތިކަމާއި ކެކުޅުންތަކަށް އަވަހަށް ނިމުމެއް އައުމެވެ. މުސްލިމުންނަށް ކާމިޔާބުވުމެވެ.


ޚިޔާލު އައި ގޮތް

ކީރިތި ޤުރުއާނުގެ ތަފްސީރެއް ލިޔުމަކީ ދުށް ހުވަފެނެއް ނޫނެވެ. އުންމީދު ކުރިކަމެއް ވެސް ނޫނެވެ. މި މަސައްކަތް ފެށުނީ، 2015 ވަނަ އަހަރު އަޅުގަނޑުގެ ކޮއްކޮ ނިހާޒު ނެރުނު"ގުރުއާން އެމްވީ" މޮބައިލް އެޕްލިކޭޝަނެއްގެ ސަބަބުންނެވެ. އެ އެޕްލިކޭޝަނަކީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޢާންމުންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރު ކުރި އެޕްލިކޭޝަނެކެވެ.

ޤުރުއާން އެމްވީ އެޕްލިކޭޝަން ޢާންމުންނާ ހަމައަށް އައި ދުވަހުން ފެށިގެން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއާމެދު އެކި ކަހަލަ ޚިޔާލުތައް ލިބެމުން އައެވެ. ޝަކުވާތައް ވެސް މެއެވެ. މި ހުރިހާ ޚިޔާލުތަކާއި، ޝަކުވާތައް ނިހާޒު އަޅުގަނޑަށް ފޯރުކޮށް ދެއެއެވެ. މި ޚިޔާލުތައް ބައެއް ފަހަރު ހިއްސާ ކުރައްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނެވެ. އަނެއްބައި ފަހަރު ޢާންމުންނެވެ. މި ޚިޔާލުތަކުން ފާހަގަވީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތަކެވެ. މި ޚިޔާލުތައް ލިބެން ފެށުމުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އިސްލާހުކޮށް މުރާޖަޢާ ކުރުމުގެ ޚިޔާލު އައެވެ. އަދި ކީރިތި ޤުރުއާނުގެ އައު ތަރުޖަމާއެއް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ ޚިޔާލު ވެސް ކުރެވުނެވެ.

މި ފޮތުގެ އާޔަތްތައް ތަރުޖަމާ ކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ކުރިއިރު ވެސް މިއީ އާދައިގެ، ފަސޭހަ މަސައްކަތެއް ނޫންކަން އެނގެއެވެ. އެހެން ނަމަވެސް މިއީ ނުކުރެވޭނެ ކަމެއް ވެސް ނޫނެވެ. ވުމާއެކު، މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މަޑުމަޑުން ވާން ފެށީމެވެ. ދިވެހި ތަރުޖަމާއަށް ޢާންމުންގެ ފަރާތުން ލިބިފައިވާ ޚިޔާލުތައް ސިކުނޑީގެ އެއްފަރާތުގައި ބަހައްޓައިގެން މަސައްކަތް ފެށީމެވެ. ލިބެންހުރި ކީރިތި ޤުރުއާނުގެ އެންމެ ކުރު ތަފްސީރުތައް މަޑުމަޑުން ކިޔަން ފެށީމެވެ. ހުސްވަގުތުގައި ވަގުތު ލިބޭ ވަރަކުން މަސައްކަތް ކުރާ މަސައްކަތެއްގެ ގޮތުންނެވެ.

ތަރުޖަމާއެއްގެ ބަދަލުގައި ލިޔާނީ ތަފްސީރެއް

މި މަސައްކަތުގައި ތަފްސީރު ފޮތްތައް ކިޔައި ހެދުމުން ކުރީގެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވިއެވެ. ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށިއެވެ. އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިންމު ކަމެއް ކަމުގެ އިހުސާސްވާން ފެށިއެވެ. އަދި ދިވެހި ބަހުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ ތަރުޖަމާތަކަށް ބަލާއިރު، އާޔަތްތަކުގެ މާނަ ކުރުކޮށް ބުނެ ނުދެވިގެން ބްރެކްޓް ތަކުގައްޔާއި "އެބަހީ، ޔަޢުނީ" ތަކުގައި އިތުރު ތަފުސީލު ބަޔާން ކޮށްފައި ވުމުން، އެ މަސައްކަތް ކުރެއްވި ފަރާތްތައް އުފުއްލަވާފައިވާ ބުރަ އިހުސާސް ކުރެވުނެވެ. މި ސަބަބުތަކާހުރެ ލިޔަން ފަށާނީ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރެއް ކަމުގައި ނިންމީމެވެ.

އެންމެ ފުރަތަމަ މި ތަފްސީރު ލިޔަން ފެށީ 2016 ނޮވެމްބަރ 05 ވަނަ ދުވަހުގެރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އިނދެއެވެ. ހަނދާންވާ ގޮތުން އެ ހޮސްޕިޓަލުގެ 407 ވަނަ ކޮޓަރީގައި އިނދެއެވެ. ފުރަތަމަ ލިޔަން ފެށީ ސޫރަތުއް ނަބައުގެ ތަފްސީރެވެ. އެ ފެށުނު ގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 28 ވަނަ ފޮތާއި، 29 ވަނަ ފޮތާއި 30 ވަނަ ފޮތް ލިޔެ ނިމުނެވެ. ދެން ފެށީ ކީރިތި ޤުރުއާނުގެ ކުރީ ކޮޅުންނެވެ. ކީރިތި ﷲ ގެ ތަނަވަސް ރަޙުމަތާއެކު، އެންމެ ފުރަތަމަ ފަސްފޮތް (ފުރަތަމަ ވޮލިއުމް) ނުކުންނައިރު، 10 ވަނަ ފޮތާ ހަމައަށް، (ދެވަނަ ވޮލިއުމް) މިހާރު ވަނީ އިސްލާމިކް މިނިސްޓްރީން ފާސްކޮށް ދެއްވާފައެވެ. އަދި ތިންވަނަ ވޮލިއުމް ލިޔުމުގެ 95 އިންސައްތަ ވަނީ ނިމިފައެވެ.

މައިގަނޑު މަޞްދަރުތައް

 މި ތަފްސީރު އެކުލަވާލުމުގައި އަޅުގަނޑު ބަރޯސާވީ ސަޢޫދިޢަރަބިޔާގެ وزارة الشئون الإسلامية والأوقاف والدعوة والإرشاد އިން ނެރެފައިވާ التفسير الميسر (އައްތަފްސީރުލް މުޔައްސިރު) އާއި، އެ ގައުމުގެ مركز تفسير للدراسات القرآنية އިން ނެރެފައިވާ المختصر فى تفسير القرآن الكريم (އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް) މި ދެ ފޮތަށެވެ. މީގެ އިތުރުން تفسير القرآن العظيم للإمام ابن كثير  ނުވަތަ އިބްނު ކަޘީރުގެ ތަފްސީރާއި، الجامع لأحكام القرآن، والمبين لما تضمن من السنة وآي الفرقان، މަޝްހޫރު ނަމުން ނަމަ، ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުޟޫޢޫތަކުގައި ބަލާފައިވާނެއެވެ.

ތަފާތުވާނީ ކިހިނެއް

މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށެވެ. ކޮންމެ ފަސްފޮތަކީ ވޮލިއުމެކެވެ. ފުރަތަމަ ވޮލިއުމަކީ 444 ސަފުހާގެ ވޮލިއުމެކެވެ. 

މި ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި އެ ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެންނެވެ. ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ ޢިބާރާތް ބޭނުން ކުރުމަށް ބާރު އެޅީމެވެ. ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރެއެވެ. ޢަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިންނެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ވެސް މެއެވެ.

ޝުކުރުގެ ދެތިން ބަހެއް

މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމެވެ. ވަކިން ޚާއްޞަކޮށް މި ފޮތުގެ ދިވެހި ޢިބާރާތްތައް ކިޔައި ކުށް ފިލުވުމުގައި އެހީތެރި ވެދެއްވި، ނިޢުމަތުﷲ އިދްރީސް އާއި، ތަފްސީރު އެއްކޮށް ކިޔައި، ފޮތް ފާސްކުރުމަށް ބޭނުންވާ ކަަންކަން ފުރިހަމަކޮށް ދެއްވި އައްޝައިޚް އަޙްމަދު މުޢާޛު މަންޞޫރުގެ ނަން ފާހަގަ ކުރަމެވެ. އަދި އެއާއެކު މި ފޮތުގެ ކަވަރ ޕޭޖާއި ލޭއައުޓް ހައްދަވައިދެއްވި ޢަބްދުﷲ ޝަފީޢު (އަބޯ) އަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އަބޯގެ މަސައްކަތަކީ ހުނަރުވެރި ފަންނުވެރި މަސައްކަތެކެވެ. އިތުރު ތަފުސީލެއް ބޭނުންވާނެ މަސައްކަތެއް ނޫނެވެ.

މި ޝުކުރުގައި މި ތަފްސީރު ފާސްކޮށް ދެއްވުމުގައި އިސްލާމިކް މިނިސްޓްރީން ވެދެއްވި އެހީތެރިކަން ފާހަގަ ކުރަމެވެ. އަދި ފޮތް ގިންތިކޮށް ދެއްވުމުގައި ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ވެދެއްވި އެހީތެރިކަން ވެސް ފާހަގަކޮށް ޝުކުރުވެރި ވަމެވެ.

No comments: