Monday, June 1, 2015

ކީރިތި ޤުރުއާން ހިތުން ދަސްކުރުމަށް 10 ފިޔަވަޅު

 ކޮންމެ ފޮތެއް ލިޔުމަށް މެދުވެރިވާ ސަބަބެެއް އޮވެއެވެ. "ކީރިތި ޤުރުއާން ހިތުން ދަސްކުރުމަށް 10 ފިޔަވަޅު" ފޮތަކީ ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރި ފޮތެވެ. ފޮތުގެ ނަން ވެސް އެ އޮތީ ދިވެހި ވެފައެވެ. އަސްލު ފޮތަކީ "كيف تحفظ القرآن فى عشر خطوات" (10 ފިޔަވަޅުން ކީރިތި ޤުރުއާން ހިތުން ދަސްކުރަނީ ކިހިނެއް؟) ކިޔުނު ފޮތެކެވެ. އެ ފޮތުގެ މުއައްލިފަކީ، ޙަސަން ބިން އަޙްމަދު ބިން ޙަސަން ހުމާމު އެވެ ކިޔުނު ލިޔުންތެރިއެކެވެ.


މި ފޮތް ފެނުނީ 2013 ވަނަ އަހަރު ޑިސެމްބަރު މަހު ޢުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި މައްކާގެ ފޮތްފިހާރައަކުންނެވެ. ފޮތް ގަތީ ވަގުތެއް ވެއްޖެ ނަމަ ކިޔާލުމަށެވެ. ފޮތް ކިޔައި ނިމުމާއެކު މި ފޮތް ތަރުޖަމާ ކުރާ ހިތްވުމުން މައްކާގައި ހުރެ ތަރުޖަމާކުރަން ފެށީމެވެ. އެއަށް ފަހު ގިނަ ދުވަހެއް ނުވެ ތަރުޖަމާކޮށް ނިމިއްޖެއެވެ. މިއީ އަޅުގަނޑަށް އަރަބި ބަހުން ދިވެހި ބަހަށް އެންމެ ފުރަތަމަ ތަރުޖަމާކުރެވުނު ފޮތް ވެސް މެއެވެ. ފޮތް ތަރުޖަމާކޮށް ނިމުމުން ލޭއައުޓް ހެދުމަށްފަހު ފޮތް ކިޔަން ގެންގުޅޭ ޓެބްލެޓުގައި ރައްކާކުރެވުނެވެ. އެއަށް ފަހު ފޮތް އިނީ އެ އެތީގައެވެ.

ނަސީބު ކަންދިމާކުރި ގޮތުން 2015 ވަނަ އަހަރުގެ މާރޗްމަހުގައި ދެވަނަ ފަހަރަށް މާތްވެގެންވާ މައްކާއަށް ޢުމްރާއަށް ދެވުނެވެ. މި ފަދަ ކޮންމެ ދަތުރަކުމެ، ހުސްވަގުތުގައި ކުރެވޭ އެއްކަމަކީ ފޮތް ގަތުމާއި، ފޮތް ކިޔުމެވެ. 2015 ވަނަ އަހަރުގެ ޢުމްރާ ދަތުރުގައި ޓެބްލެޓްގައި އަޅުގަނޑު ގެންގުޅުނު ފޮތް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އިސްވެރިޔަކަށް ފެނުނެވެ. އެއީ އެކުވެރި މަޝްހޫރު ޤާރީއެކެވެ. އެ ހިސާބުން "ތީގައި ފޮތް އިނުމަކުން ވާނީ ކޮން ފައިދާއެއްހޭ ހިނގާށޭ ތި ފޮތް ނެރެން" މިހެން ކިޔައި ވާހަކަ ފެށުނެވެ. އެ ހިސާބުން ފޮތް ނެރުމުގެ ހުރިހާ ކަމަކާ އެ ފަރާތުން ޙަވާލުވިއެވެ. އެއަށްފަހު ދެން ފޮތަށް ވަމުން ދިޔަ ގޮތެއް ވެސް ނުބަލަމެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް 2015 މެއި 28 ވަނަ ދުވަހުގެރޭ އަޅުގަނޑަށް އިނދެވުނީ ޑްރަގް ކޯޓުގެ ކޮންމެ ވެސް ހަފުލާއެއްގައެވެ. އެ ޙަފުލާގައި އިންދާ ލިބުނީ އަޅުގަނޑު ތަރުޖަމާކުރި ފޮތެއް ނެރެފިކަމަށާއި، އެކަމުގެ މުނާސަބަތުގައި ރައްޓެއްސަކު މަރުހަބާ ކިޔައި މެސެޖެއް ފޮނުވިއެވެ. ފަހުން އެނގުނު ގޮތުގައި އެރޭ ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބޭއްވި ޙަފުލާއެއްގައި އެ ފޮތް ނެރުނީއެވެ.

ފޮތް ނެރުނުއިރު ފޮތް ފަރުމާކޮށް ލޭއައުޓު ހަދާފައި އެ ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުންނެވެ. ފޮތް ނެރެދެއްވި ކަމަށްޓަކައި އެ މަރުކަޒުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަމެވެ. 


No comments: