މަސްތުވާތަކެއްޗަކީ ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއެވެ. މި ވަބާގެ އަސަރު ނުކުރާ ރަށެއް، ޢާއިލާއެއް ނެތޭވެސް ބުނެވިދާނެއެވެ. 
"މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މަގެއް" މި ފޮތް ލިޔަން ފެށުނީ 2011 ވަނަ އަހަރު މަސްތުވާތަކެއްޗާބެހޭ ޤާނޫނު އެއްކޮށް މުރާޖައާކޮށް އަލުން އެކުލަވައިލިއިރު ޤާނޫނުގައި ހިމެނިފައިވާ މުހިންމު ބައިތައް ޑްރާފްޓް ކުރުމުގައި ގެންގުޅެފައިވާ ޚިޔާލުތައް އެއްތަން ކޮށްފައި ބެހެއްޓުމުގެ ބޭނުމުގައެވެ. 
2011 ވަނަ އަހަރު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ޑްރާފްޓް ކުރިއިރު، އެކި މުއައްސަސާތަކުން އެކަމުގައި ބައިވެރިވިއެވެ. ފުލުހުންނާއި، ޝަރުޢީ ކޯޓުތަކުންނެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި މަސްތުވާތަކެއްޗާ ގުޅޭ އެކި މަސައްކަތްތައް ކުރާ ދައުލަތުގެ އިދާރާތަކުންނެވެ. އަޅުގަނޑަށް މި މައްސައްކަތުގައި ބައިވެރި ވެވުނީ ޕްރޮސިކިއުޓަރެއްގެ ހައިސިއްޔަތުންނެވެ. ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުގައެވެ. ހަނދާންވާ ގޮތުން އެއިރު ކުރެވިގެންދިޔަ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން މަޖިލީހަށް ހުށަހެޅިފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ބިލު އިސްލާހު ކުރުމުގެ މަސައްކަތެވެ. އިސްކޮށް މަސައްކަތް ކުރެއްވީ، އެއިރުގެ މަޖިލީހުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދެވެ. 
 ތިރީގައި މިވަނީ މި ފޮތުގައި ހިމެނިފައިވާ މުހިންމު ބައިތަކެވެ. 
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ތާރީޚު
 
- ޤާނޫނުން ތަޢާރަފު ކުރި މުއައްސަސާތަކުގެ ނިޒާމު އެކުލެވިފައިވާ ގޮތް
 
- ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ދީފައިވާ ބާރުތައް
 
- ފަރުވާގެ ނިޒާމު އެކުލަވާލެވިފައިވާ ގޮތް
 
- މަސްތުވާތަކެތި އަތުގައި ބެހެއްޓުމަކީ ކޮބައިކަން
 
- މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތް
 
- ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދީފައިވާ ބާރުތައް
 
- މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞަށް އައި ބަދަލު
 
