Tuesday, March 10, 2026

ތަމާލުއު ފޮތް


 ކޮޅުނެތް ކޮޅަށް ކީރިތި ﷲ އަށް ޙަމްދު ކުރަމެވެ. އެކަލާނގެ ނަބިއްޔާއަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމެވެ. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ހިމަނަމެވެ.

ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ފޮތެއް ލިޔެ މި ނިމުނީއެވެ. މި ފޮތުގެ ފަހަތުގައި ވާހަކަތަކެއްވެއެވެ. އެއް ވާހަކަ ހިއްސާކޮށްލަމެވެ.

ސުޕްރީމް ކޯޓުގައި މަސައްކަތް ކުރި ދުވަސްވަރު، 2024 ވަނަ އަހަރު ނިމެމުން ދަނިކޮށް، މަރުގެ މައްސަލައެއް ނިންމުމަށް ފެނިވަޑައިގަންނަވާ ރައުޔު، އެއިރުގެ އުއްތަމަ ފަނޑިޔާރު މައްސަލަ ބަލާ ބެންޗާ ހިއްސާ ކުރެއްވިއެވެ. އެ ބެންޗްގައި އަޅުގަނޑު ހިމެނެއެވެ. އެ މައްސަލައަކީ ޤާނޫނީ ވަކީލު، އަޙްމަދު ނަޖީބުގެ މަރުގެ ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވުނު އަންހެނެއްގެ މައްސަލައެކެވެ. އެ މައްސަލައިގައި "ތަމާލުއު" ގެ ޝަރުޢީ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން އެހައިތަނަށް ނިންމާވާފައިވާ ފަދައިން އުއްތަމަ ފަނޑިޔާރު ބަޔާން ކުރައްވާފައިވެއެވެ.

ވާހަކަ ކުރުކޮށްލަމެވެ. އެ ރައުޔުގައި ތަމާލުއުގެ އުސޫލުތައް ލިޔުއްވާފައި އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ވުމާއެކު، އެ އުސޫލުތައް ބަޔާންކޮށް 38 ވަރަކަށް ސަފުހާގެ ރައުޔެއް ލިޔުމަށް ފަހު ފަނޑިޔާރުންނާ ހިއްސާކުރީމެވެ. އަޤައްލިއްޔަ ރައުޔެއްގެ ގޮތުގައެވެ. މަރުގެ މައްސަލަތައް ބަލަމުން އައީ 05 ފަނޑިޔާރުންގެ ބެންޗަކުން ކަމުގައިވާތީ، އިތުރު 02 ފަނޑިޔާރަކު އެ ރައުޔަށް ތާއީދު ކުރައްވައިފި ނަމަ، އެ ރައުޔު އަޣްލަބިއްޔަތު ރައުޔަށް ބަދަލުވާނެއެވެ. ކަންވީ ވެސް އެހެންނެވެ. އެ ރައުޔު އަޣްލަބިއްޔަތު ރައުޔަކަށް ބަދަލުވިއެވެ. ބަދަލުވީ އެ ދުވަހުގެ ތާރީޚު ހަނދާން ނުނެތޭނެ ދުވަހެއް ކަމުގައިވާ 2025 ފެބްރުއަރީ 26 ވަނަ ދުވަހުގައެވެ. އަޣްލަބިއްޔަތު ރައުޔަށް ބަދަލުވުމުން، އެ ދުވަހު 10 ޖެހުމުގެ ކުރިން އެ ރައުޔަށް ގެންނަންޖެހޭ އެންމެ ފަހުގެ އުނިއިތުރުތައް ގެނައުމުގެ މަސައްކަތް ކުރާނެކަން އެހެން ފަނޑިޔާރުންނާ އީމެއިލުން ހިއްސާކުރީމެވެ. ދެން އެ ދުވަހު 12 ޖަހަން އުޅެނިކޮށް އައީ ގެއަށެވެ. އެ އައި ގޮތަށް މި ހުރީ ގޭގައެވެ. އެ ހިސާބުން އެ ރައުޔަށްވާނީ ވާނެ އެއްޗެއްތާއެވެ. ޔަގީނުން ވެސް 2018 ވަނަ އަހަރު ރަޖިސްޓްރީވި އެ މައްސަލަ އަދި ވެސް އެ އޮތީ ސުޕްރީމް ކޯޓުގެ މަތާރަންފިލާ މަތީގައެވެ.

މި ފޮތަކީ އެއިރު ލިޔުނު ރައުޔުގައި ހިމެނުނު ޝަރުޢީ އުސޫލުތަކެވެ. ތަމާލުއުގެ އުސޫލުތަކެވެ. ގްރޫޕް މާރާމާރީތަކުގައި ނުވަތަ ޖަމާޢަތް ހަދައިގެން މީހަކަށް ހަމަލާދީ، މީހަކު މަރުވާ ހާލަތުގައި ހަމަލާދިން މީހުންގެ ކިބައިން ޤިޞާޞް ހިފުމާ ގުޅޭ ޝަރުޢީ އުސޫލުތަކެވެ. 

ރައުޔެއްގެ ބައެއް ފޮތަކަށް ހެދުމަށް ގިނަ މައްސަކަތްތަކެއް ކޮށްފައިވާނެއެވެ. ތަމާލުއުގެ އުސޫލަކުގެ ތެރެއަށް ފީނުމުގެ ކުރިން އެންމެ ފުރަތަމަ މި ފޮތުގައި ބަލާލާފައިވާނީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ މެދުގައެވެ. އެ އުސޫލުތައް ލިޔަން ގަސްތުކުރީ އަދަބު ކަނޑެޅުމުގެ ކުރިއަށް އަންނަ ހުރިހާ އުސޫލުތަކަކީ ޚުޠޫރަތްތެރި، އުސޫލުތަކެއް ކަމުގައިވާތީއެވެ. ތަމާލުއުގެ އުސޫލުތަކާމެދު ސަމާލުވާންޖެހޭ ސަބަބުތަކަކީ އެއީ ކަމުގައިވާތީއެވެ. މި އުސޫލުތައް ލިޔުމަށް ފަހު ދެން އޮތް ޗެޕްޓަރުގައި ލިޔެފައިވާނީ، ޤިޞާޞް ހިފުން ވާޖިބު މަރުގެ މައްސަލަތަކާމެދުގައެވެ.

ތަމާލުއުގެ ވާހަކަތައް ފެށިފައިވާނީ ތިންވަނަ ޗެޕްޓަރުގައެވެ. އެ ލަފުޒުގެ މާނަތަކަށް ދިއުމަށް ފަހު، ތަމާލުއުގެ ހާދިސާއާ ގުޅޭ ޢުމަރުގެފާނުގެ ބަސްފުޅު ތަފާތު އެކި ހަދީސް ފޮތްތަކުންނާއި އެ ފޮތްތަކުގެ ޝަރަޙަތަކުގައި ބަޔާންކޮށްފައިވާ ގޮތް މި ފޮތުގައި ހިމަނާފައި ވާނެއެވެ. ޙަދީޘް ޢިލްމުވެރިންގެ ބަސްމަގާއި ބަހުސްތައް ލިޔެފައިވާނެއެވެ. ހަދީސް އިލްމުވެރިންގެ ބަގީޗާތަކުން ނުކުތުމަށް ފަހު ދެން ވަންނަން މަޖުބޫރުވީ، މި މައުޟޫޢުގައި ފިޤުހުވެރިން ކޮށްފައިވާ ބަހުސްތަކުގެ ތެރެއަށެވެ.

ހަދީސް ޢިލްމުވެރިންނާއި ފިޤުހުވެރިން އެ ބަހުސްތަކަށް ފަހު، ތަމާލުއުގެ އުސޫލުތައް ރާއްޖޭގައި ތަޠުބީޤު ކުރަމުން އަންގޮތް ލިޔެފައިވާނީ 05 ވަނަ ޗެޕްޓަރުގައެވެ. އެ ޗެޕްޓަރުގައި ކުރީގެ ޤާނޫނުލްޢުޤޫބާތުން ފެށިގެން އެންމެ ފަހުގެ ގޭންގު ކުށްތަކުގެ ޤާނޫނަށް ދާންދެން ކުށް ކުށުގައި އެހީތެރިވުމާއި ބައިވެރިވުން އައިސްފައިވާ ގޮތަށް ބަލާފައިވާނެއެވެ. މި ޗެޕްޓަރު ނިމިގެންދާނީ އިޖުތިހާދީ މައްސަލަތަކުގައި ޙާކިމާ (ރާއްޖޭގައި ނަމަ ޤާނޫނު އެކަށައަޅާ ފަރާތުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލިހުން) ގޮތެއް ކަނޑައެޅުމުން ދެން ކަންތައް ކުރަންވީ ގޮތާމެދު ވާހަކަ ދައްކަމުންނެވެ.

ތަމާލުއުގެ މައްސަލަތައް ތަޠުބީޤުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކާމެދު ވާހަކަ ދައްކާފައިވާނީ ފޮތުގެ ފަހަތުން ދެވަނަ ޗެޕްޓަރުގައެވެ. މި ގޮތުން ރާއްޖޭގައި ޢާންމުކޮށް ފެންނަން ހުރި މައްސަލަތަކުގެ ތެރެއިން މި މައުޟޫޢުގައި ނިންމާފައިވާ ހުރިހާ މައްސަލައެއް މި ފޮތުގައި ހިމަނާފައިވާނެއެވެ. ތަމާލުއުގެ ޝަރުޢީ އުސޫލުތަކާ އެއްގޮތަށް، އެ އުސޫލުތައް ފުރިހަމައަށް ބަޔާންކޮށް ނިންމާފައި އޮތް މައްސަލައެއް އެއިގެ ތެރޭގައި ނެތެވެ. މިއީ ދިގު ވާހަކައެކެވެ. ސަމާސާ ވާހަކައެއް ވެސް ނޫނެވެ. އެހެނީ މި ދައްކަނީ މަރުގެ މައްސަލަތުގެ ވާހަކައެވެ. މި ކަމުގެ ތަފުސީލުތައް މި ފޮތުގައިވާނެއެވެ. އެއިން ކޮންމެ މައްސަލައަކާ ގުޅިގެން ވަކިވަކިން އެ ވާހަކަތައް ލިޔެފައިވާނެއެވެ.

މި ފޮތުގެ ފަހު ޗެޕްޓަރު ލިޔުނީ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމާމެދު ޢިލްމުވެރިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. ޚަބީރުން ބުނާ ބުނުންތައް އެއްފަރާތް ނުކުރުމުގެ މައްޗަށެވެ. މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ނުބަލައި، ބައިވެރިވުން އޮތް ގޮތަށް ރިއާޔަތް ކުރުމެއް ނެތި، ޤިޞާޞް ނުހިފުމުގެ މައްޗަށެވެ.

ކިޔުންތެރިންނާ ހަމައަށް ފޮތެއް ގެނެވެނީ ނުހަނު މަސައްކަތުންނެވެ. މި ފޮތް ވިދާޅުވެ އިތުރު ޚިޔާލު ދެއްވި ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުވެރިވަމެވެ. ފޮތުގެ ލޭއައުޓާއި ބަނޑޭރިގަނޑުގެ ފަރުމާއަކީ ޢަބްދުﷲ ޝަފީޢުގެ (އަބޯގެ) މަސައްކަތެވެ. ހީވާ ގޮތުން ބަނޑޭރި ގަނޑުން އެ ފެންނަނީ ޞަންޢާގެ ފެންވަޅެކެވެ. 

މި ފޮތުގައި ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ދައްކާފައިވާނީ، އެ ވާހަކަތަކުގައި ހަވާލާދޭ މަޞްދަރުތަކަށް ހަވާލާ ދިނުމާ އެކުގައެވެ. ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކަށް ރުޖޫޢަ ވުމާއެކުގައެވެ. މި ފޮތުގައި އޮންނާނީ 07 ޗެޕްޓަރެވެ. މިއީ 224 ސަފުހާގެ ފޮތެކެވެ. މި ފޮތް ތަޚްޞީޞް ކޮށްފައިވާނީ، ދެ ގޮތެއް ނުވެ، ފިސާރި ކެރިގެން ބޭއިންސާފާ ދެކޮޅަށް ތެދުވާ އެންމެނަށެވެ. އަދި މި ފޮތް ލިބެން ހުންނާނީ ދިވެހިފޮތް އެޕުން އެކަންޏެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަދި މި ފޮތް ޗާޕު ވެސް ކުރާނަމެވެ. 

ފޮތުގެ ޕްރިވިއު ލިންކް

ދިވެހިފޮތް އެޕްގެ ލިންކް


Saturday, October 12, 2024

.ދެބައިކުޅަ އެއްބައި ނިމުނީއެވެ

ބައިކުޅަ ބައެއްގެ ޙަމްދެއް ނޫނެވެ. ހިތުގެ އެންމެ ފުންމިނުން، އެންމެ ފުރިހަމައަށް އިބަ އިލާހަށް ޙަމްދާއި ޝުކުރު ކުރަމެވެ. އިބަ އިލާހީ އެންމެ މަތިވެރި، އެންމެ ފުރިހަމަ އިލާހެވެ. މަތިވެރިކަމާއި މާތްކަމުގެވެރި އިލާހެވެ. އިބަ އިލާހުގެ ނަބިއްޔާ، އަޅަމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ.

ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރުގެ ފުރަތަމަ ވޮލިއުމް (ފުރަތަމަ ފަސް ފޮތުގެ ތަފްސީރު) ޝާއިޢު ކުރެވުނީ، މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. ކީރިތި ﷲ ގެ ހެޔޮ ރަޙުމަތާއެކު މިއަދު ކިޔުންތެރިންނާ ހަމައަށް މި ފޯރުކޮށްދެވުނީ ޚުލާޞާ ތަފްސީރުގެ ތިންވަނަ ވޮލިއުމެވެ. އަހަރެއްހައި ދުވަހުގެ މުއްދަތުގައި ކީރިތި ޤުރުއާނުގެ ދެބައިކުޅަ އެއްބައިގެ ޚުލާޞާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދެވުނީއެވެ. މިކަމަށްޓަކައި އަދިވެސް އެއްފަހަރު ކީރިތި ﷲއަށް ޝުކުރުވެރިވަމެވެ.

ޚުލާޞާ ތަފްސީރުގެ 03 ވަނަ ވޮލިއުމަކީ މިހައިތަނަށް ލިޔެވުނު ބައިތަކުގެ ތެރެއިން އެންމެ ގަޔާވެގެން ލިޔެވުނު ބައެވެ. މި ވޮލިއުމް ފެށިގެން އަންނަނީ 06 ވަނަ ފޮތުންނެވެ. ތައުބާ ސޫރަތުގެ ފަހުކޮޅުގެ އާޔަތްތަކުންނެވެ. ތަބޫކު ހަނގުރާމައިގެ ވާހަކަތަކުންނެވެ. މުނާފިޤުންގެ ސިފަތަކާއި އެބައިމީހުންގެ އުޅުމާއި ގުޅުންތަކުގެ ތަފުސީލުތައް ބަޔާންކޮށް ދެއްވާފައިވާ އާޔަތްތަކުންނެވެ.

މި ވޮލިއުމްގައި ހިމެނޭ އެންމެ ކިޔާ ހިތްވާ ސޫރަތަކީ ޔޫސުފު ސޫރަތެވެ. އެ ސޫރަތުގެ ވާހަކަ ފަށާނީ ކިހިނަކުން، ކޮން ހިސާބަކުން ބާވައެވެ؟ މި ސޫރަތުގައިވަނީ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައެވެ. އެ ވާހަކައަކީ އެތައް ވާހަކަތަކެއް އެކުލެވޭ ރީތި ވާހަކައެކެވެ. އަމާނާތްތެރިކަމާއި ކެހިވެރިކަމުގެ އެތައް ހާދިސާއެއް އެ ވާހަކައިގައިވެއެވެ. ލޯތްބާއި ކުލުނުގެ އެތައް ވާހަކަތަކެއް ވެއެވެ. ކެތްތެރިކަމާއި ކީރިތި ﷲ އަށް ބަރޯސާވުމުގެ ގިނަގުނަ މިސާލުތަކެއް މި ސޫރަތުން ފާހަގަވެއެވެ.

މި ވާހަކަ ބަޔާންކޮށް ދެއްވާފައިވާ މޫރިތި އާޔަތްތަކުގައި ބަޔާން ކުރައްވާފައިވާ ކަވި ތަފުސީލުތަކަކީ އަންތަރީސް ވާހައި ފުރިހަމަ ތަފުސީލުތަކެކެވެ. މީގެ އެއް މިސާލަކީ، ހިތުގެ ފުންމިނުންވެވޭ ލޯބި ސިފަކޮށް ދެއްވަމުން ހިތުގެ އެންމެ އެތެރޭގެ ޓިޝޫ ފަށަލައަށް އިޝާރާތް ކުރައްވާފައި އޮތް އޮތުމެވެ. އަދި މި އާޔަތްތަކުގައިވާ އިލާހީ މުޢުޖިޒާތްތަކުގެ ވާހަކަތަކަކީ ވެސް މި ފަދަ ވާހަކަތަކެކެވެ. މި ވާހަކަތަކުން އެންމެ ފާހަގަވި އެއް ވާހަކައަކީ ޝާމްކަރައިން ފެށިގެން މިޞްރާ ހަމައަށް ފޯރި މީރު ވަހެއްގެ ވާހަކައެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. އެއީ ޔޫސުފުގެފާނުގެ ގަމީސްކޮޅުގެ މީރުވަހުގެ ވާހަކައެވެ. އެ ހާދިސާ ހިނގިއިރު އެކަލޭގެފާނު ހުންނެވީ މިޞްރުގައެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ހުންނެވީ ޝަމްކަރައިގައެވެ.

މި ވޮލިއުމް ނިމެނީ ކަހްފި ސޫރަތުގެ 74 ވަނަ އާޔަތާ ހަމައިންނެވެ. މިއީ އެންމެ ގިނައިން ހުކުރު ދުވަހު ކިޔެވޭ އެއް ސޫރަތެވެ. ކުރު ގޮތަކަށް ބުނާނަމަ، މި ވޮލިއުމްގައި ހިމެނޭ އިބުރަތުން ފުރިގެންވާ ސޫރަތްތަކުގެ މޫރިތި އާޔަތްތަކުގެ ލަފުޒީ ތަރުޖަމާއިން ފެއަށް ޖެހި، ޚުލާޞާ ތަފްސީރެއްގެ ގޮތުގައި ގެނެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ފަހަރު ވެސް ކޮށްފައިވާނެއެވެ. ލަފުޒުތަކާއި އިބާރާތްތައް ވީހައިވެސް ލުއި ކުރެވޭތޯ ބަލާފައިވާނެއެވެ.

ޚުލާޞާ ތަފްސީރު ޢާންމުންނާ ހަމައަށް މިގެނެސް ދެވުނީ އެތައް ބައެއްގެ އިޚްލާޞްތެރި މަސައްކަތުންނެވެ. ކުރީގެ ދެ ވޮލިއުމެކޭ އެއްފަދައިން މި ވޮލިއުމްގެ ލޭއައުޓާއި ޑިޒައިންގެ މަސައްކަތްކުރީ ޢަބްދުﷲ ޝަފީޢު (އަބޯ) އެވެ. އަދި ދިވެހި ބަހުގެ ހަމަތައް ބަލައި ކުށްކެނޑުމުގެ މަސައްކަތްކުރީ ނިޢުމަތުﷲ އިދްރީސްއެވެ. ދީނީ ޢިލްމުވެރިއަކަށް ނުވާތީވެ، ފޮތް ފާސްކުރުމަށްޓަކައި ދީނީ ޢިލްމުވެރިއަކު ފޮތް ކިޔައިހެދުން ކަމާބެހޭ އުސޫލުތައް ލާޒިމު ކުރެއެވެ. މި ކަންތައް ފުރިހަކޮށް ދިނީ ޝައިޚް އަޙްމަދު މުޢާޛު މަންޞޫރުއެވެ. މި އެންމެހައި އެކުވެރިންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި މި މަސައްކަތް ފުރިހަމަކޮށް ނިންމާލުމަށް ކެނޑިނޭޅި ހިތްވަރުދޭ އެކުވެރިންނާއި ކިޔުންތެރިންނަށް ވެސް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.