ބައިކުޅަ ބައެއްގެ ޙަމްދެއް ނޫނެވެ. ހިތުގެ އެންމެ ފުންމިނުން، އެންމެ ފުރިހަމައަށް އިބަ އިލާހަށް ޙަމްދާއި ޝުކުރު ކުރަމެވެ. އިބަ އިލާހީ އެންމެ މަތިވެރި، އެންމެ ފުރިހަމަ އިލާހެވެ. މަތިވެރިކަމާއި މާތްކަމުގެވެރި އިލާހެވެ. އިބަ އިލާހުގެ ނަބިއްޔާ، އަޅަމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ.
ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރުގެ ފުރަތަމަ ވޮލިއުމް (ފުރަތަމަ ފަސް ފޮތުގެ ތަފްސީރު) ޝާއިޢު ކުރެވުނީ، މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. ކީރިތި ﷲ ގެ ހެޔޮ ރަޙުމަތާއެކު މިއަދު ކިޔުންތެރިންނާ ހަމައަށް މި ފޯރުކޮށްދެވުނީ ޚުލާޞާ ތަފްސީރުގެ ތިންވަނަ ވޮލިއުމެވެ. އަހަރެއްހައި ދުވަހުގެ މުއްދަތުގައި ކީރިތި ޤުރުއާނުގެ ދެބައިކުޅަ އެއްބައިގެ ޚުލާޞާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދެވުނީއެވެ. މިކަމަށްޓަކައި އަދިވެސް އެއްފަހަރު ކީރިތި ﷲއަށް ޝުކުރުވެރިވަމެވެ.
ޚުލާޞާ ތަފްސީރުގެ 03 ވަނަ ވޮލިއުމަކީ މިހައިތަނަށް ލިޔެވުނު ބައިތަކުގެ ތެރެއިން އެންމެ ގަޔާވެގެން ލިޔެވުނު ބައެވެ. މި ވޮލިއުމް ފެށިގެން އަންނަނީ 06 ވަނަ ފޮތުންނެވެ. ތައުބާ ސޫރަތުގެ ފަހުކޮޅުގެ އާޔަތްތަކުންނެވެ. ތަބޫކު ހަނގުރާމައިގެ ވާހަކަތަކުންނެވެ. މުނާފިޤުންގެ ސިފަތަކާއި އެބައިމީހުންގެ އުޅުމާއި ގުޅުންތަކުގެ ތަފުސީލުތައް ބަޔާންކޮށް ދެއްވާފައިވާ އާޔަތްތަކުންނެވެ.
މި ވޮލިއުމްގައި ހިމެނޭ އެންމެ ކިޔާ ހިތްވާ ސޫރަތަކީ ޔޫސުފު ސޫރަތެވެ. އެ ސޫރަތުގެ ވާހަކަ ފަށާނީ ކިހިނަކުން، ކޮން ހިސާބަކުން ބާވައެވެ؟ މި ސޫރަތުގައިވަނީ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައެވެ. އެ ވާހަކައަކީ އެތައް ވާހަކަތަކެއް އެކުލެވޭ ރީތި ވާހަކައެކެވެ. އަމާނާތްތެރިކަމާއި ކެހިވެރިކަމުގެ އެތައް ހާދިސާއެއް އެ ވާހަކައިގައިވެއެވެ. ލޯތްބާއި ކުލުނުގެ އެތައް ވާހަކަތަކެއް ވެއެވެ. ކެތްތެރިކަމާއި ކީރިތި ﷲ އަށް ބަރޯސާވުމުގެ ގިނަގުނަ މިސާލުތަކެއް މި ސޫރަތުން ފާހަގަވެއެވެ.
މި ވާހަކަ ބަޔާންކޮށް ދެއްވާފައިވާ މޫރިތި އާޔަތްތަކުގައި ބަޔާން ކުރައްވާފައިވާ ކަވި ތަފުސީލުތަކަކީ އަންތަރީސް ވާހައި ފުރިހަމަ ތަފުސީލުތަކެކެވެ. މީގެ އެއް މިސާލަކީ، ހިތުގެ ފުންމިނުންވެވޭ ލޯބި ސިފަކޮށް ދެއްވަމުން ހިތުގެ އެންމެ އެތެރޭގެ ޓިޝޫ ފަށަލައަށް އިޝާރާތް ކުރައްވާފައި އޮތް އޮތުމެވެ. އަދި މި އާޔަތްތަކުގައިވާ އިލާހީ މުޢުޖިޒާތްތަކުގެ ވާހަކަތަކަކީ ވެސް މި ފަދަ ވާހަކަތަކެކެވެ. މި ވާހަކަތަކުން އެންމެ ފާހަގަވި އެއް ވާހަކައަކީ ޝާމްކަރައިން ފެށިގެން މިޞްރާ ހަމައަށް ފޯރި މީރު ވަހެއްގެ ވާހަކައެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. އެއީ ޔޫސުފުގެފާނުގެ ގަމީސްކޮޅުގެ މީރުވަހުގެ ވާހަކައެވެ. އެ ހާދިސާ ހިނގިއިރު އެކަލޭގެފާނު ހުންނެވީ މިޞްރުގައެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ހުންނެވީ ޝަމްކަރައިގައެވެ.
މި ވޮލިއުމް ނިމެނީ ކަހްފި ސޫރަތުގެ 74 ވަނަ އާޔަތާ ހަމައިންނެވެ. މިއީ އެންމެ ގިނައިން ހުކުރު ދުވަހު ކިޔެވޭ އެއް ސޫރަތެވެ. ކުރު ގޮތަކަށް ބުނާނަމަ، މި ވޮލިއުމްގައި ހިމެނޭ އިބުރަތުން ފުރިގެންވާ ސޫރަތްތަކުގެ މޫރިތި އާޔަތްތަކުގެ ލަފުޒީ ތަރުޖަމާއިން ފެއަށް ޖެހި، ޚުލާޞާ ތަފްސީރެއްގެ ގޮތުގައި ގެނެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ފަހަރު ވެސް ކޮށްފައިވާނެއެވެ. ލަފުޒުތަކާއި އިބާރާތްތައް ވީހައިވެސް ލުއި ކުރެވޭތޯ ބަލާފައިވާނެއެވެ.
ޚުލާޞާ ތަފްސީރު ޢާންމުންނާ ހަމައަށް މިގެނެސް ދެވުނީ އެތައް ބައެއްގެ އިޚްލާޞްތެރި މަސައްކަތުންނެވެ. ކުރީގެ ދެ ވޮލިއުމެކޭ އެއްފަދައިން މި ވޮލިއުމްގެ ލޭއައުޓާއި ޑިޒައިންގެ މަސައްކަތްކުރީ ޢަބްދުﷲ ޝަފީޢު (އަބޯ) އެވެ. އަދި ދިވެހި ބަހުގެ ހަމަތައް ބަލައި ކުށްކެނޑުމުގެ މަސައްކަތްކުރީ ނިޢުމަތުﷲ އިދްރީސްއެވެ. ދީނީ ޢިލްމުވެރިއަކަށް ނުވާތީވެ، ފޮތް ފާސްކުރުމަށްޓަކައި ދީނީ ޢިލްމުވެރިއަކު ފޮތް ކިޔައިހެދުން ކަމާބެހޭ އުސޫލުތައް ލާޒިމު ކުރެއެވެ. މި ކަންތައް ފުރިހަކޮށް ދިނީ ޝައިޚް އަޙްމަދު މުޢާޛު މަންޞޫރުއެވެ. މި އެންމެހައި އެކުވެރިންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި މި މަސައްކަތް ފުރިހަމަކޮށް ނިންމާލުމަށް ކެނޑިނޭޅި ހިތްވަރުދޭ އެކުވެރިންނާއި ކިޔުންތެރިންނަށް ވެސް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.