އެކި ގައުމުތަކަށާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރުމަކީ އެތަންތަނުގެ މީހުންގެ އާދަކާދައާއި، އުޅުމާއި ގުޅުން ކައިރިން ބަލައިލުމަށް ލިބޭ ފުރުސަތުތަކެކެވެ. ރާއްޖެތެރޭގެ އެކި ރަށްރަށުން ނާދިރު ކަންކަން ފެނެއެވެ. މި ގޮތުނުން އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ފ. އަތޮޅު ނިލަންދޫގައި ހުރި އެރަށު ލައިބްރަރީއެވެ. ނިލަންދޫ ފިޔަވައި އެހެން ރަށަކުން އަޅުގަނޑު ލައިބްރަރީއެއް ނުދެކެމެވެ. އެރަށު މީހުންނަކީ ނުލާހިކު ހިތްހެޔޮ ބައެކެވެ.
އެކި ރަށްރަށަށް ދިއުމުގެ ދަތުރުނާމާގައި ދާދިފަހުން ބ. އަތޮޅު ހިތާދޫއަށް ދިޔައީމެވެ. ކުރިން އިންތިޒާމު ކުރިގޮތަށް ދަތުރުގެ ކަންކަން ނުދިއުމުން އެ ރަށަށް ދެވުނީ މެންދުރު ވަގުތަށެވެ. ނުލާހިކު އަވިގަދަ ދުވަހެކެވެ. ފޮށިތަންމަތި ބެހެއްޓުމަށްފަހު ހުކުރު ނަމާދަށް ތައްޔާރުވެގެން ދިޔައީ އެރަށު މަސްޖިދު މުސާ ޢަލީ އަށެވެ. އެއީ ރީތި ތަނަވަސް މިސްކިތެކެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވުނެވެ.
ހުކުރަށް ދިޔަ މަގުމަތީގައި ލޮލުގައި އަޅައިގަތީ އެރަށު ބޮޑު މަގުގައި ހުރި ގެއެއްގެ ކުރިމަތީގައި ބަހައްޓާފައި ހުރި ކުޑަކުޑަ މޭޒެކެވެ. އެ މޭޒުމަތީގައި ވިއްކަން ބަހައްޓާފައިހުރި މިރުސް ކޮޅަކާއި، ލުނބޯކޮޅެއް ހުއްޓެވެ. އެތަކެތީގައި އަގު ކަރުދާސްކޮޅެއްގައި ޖަހާފައިހުއްޓެވެ. އަދި އެ މޭޒުމަތީގައި ރުފިޔާތަކެއްވެސް ހުއްޓެވެ. ކައިރީގައި އެކަކުވެސް ނެތެވެ. ފުރަތަމަ ހީކުރީ އެއީ ވަގުތުގެ ގޮތުން މީހަކު ނެތީކަމަށެވެ. މި ފަދަ ދެތިން މޭޒެއް އެދުވަހު އަސުރުނަމާދަށް ދިޔައިރުވެސް އަދި ހަވީރު ރަށުތެރެ ބަލާލަން ނުކުމެ އުޅުނުއިރުވެސް ފާހަގަ ވިއެވެ. އެއްވެސް ވަގުތެއްގައި ވިއްކަން ބަހައްޓާފައިހުރި ތަކެއްޗާއި އެ މޭޒުމަތީގައި ހުރި ރުފިޔާތައް ބަލަހައްޓަން މީހަކުނެތެވެ.
ހިތާދޫގެ މި އަމާންވެށި ފެނިފައި އެރަށު ދެތިން މީހަކާ ސުވާލުކުރުމުން އެ މޭޒުތަކަކީ އެރަށު މީހުން އެކިއެކި ސާމާނު ވިއްކަން ބަހައްޓާފައި ހުންނަ މޭޒުތަކެއް ކަމަށާއި، ކޮންމެ މީހަކުވެސް އެތަނުން އެއްޗެއް ގަންނަންވެއްޖެނަމަ އޭގެ އަގު މޭޒު މަތީގައި ބެހެއްޓުމަށްފަހު ގެންދަންވީކަމަށާއި، އެއްވެސް މީހަކު މޭޒުމަތީގައި ހުންނަ ފައިސާ ވަގަށް ނުގެންދާކަމަށް ބުންޏެވެ.
ވައްކަމާއި މާރާމާރީއާއި ފޭރުންފަދަ ޖިނާއީ ކުށްތައް ގިނަ ދުވަސްވަރެއްގައި ހިތާދޫން މިފެނުނު މަންޒަރަކީ އުފާވެރި މަންޒަރެކެވެ. މިފަދަ އަމާން ވެއްޓެއް ގާއިމުވެފައިއޮތުމަކީ ކޮންމެ މީހަކަށްވެސް ހިތްހަމަޖެހުން ގެނުވާނެކަމެވެ. އަދި މިފަދަ ވެއްޓެއް އަމާން ވެއްޓެއްގެ ގޮތުގައި ދެމެހެއްޓުމަކީ ނުހަނު ބުރަ އަދި އެތަކެއް ގުރުބާނީ ތަކެއްވާންޖެހޭނެ ކަމެއްވެސް މެއެވެ.
